ދެ ދަޅު

ހޯމަ, 12 އޮކްޓޯބަރ, 2009

Tluwulahu-Maskލިޔުނީ: ޅޮހީ އަބްދުއްރަހީމް / މަނަދޫގެ
ނޯޓު: މިވާހަކައަކީ 2008 ވަނަ އަހަރު ބޭއްވި ގައުމީ ކުރުވާހަކަ މުބާރާތުން މުޅި މުބާރާތުން 21 އަހަރާއި 16 އަހަރާއި ދެމެދުން އެއްވަނަޔަށް އައި ވާހަކައެވެ. ” މި ވާހަކަ ކިޔާފައި އަޅުގަނޑުމެން ތިބީ ހަމަ ހީ ހީ ހަލާކުވެފައި” އަބްދުﷲ ޞާދިޤު.

އެއީ ހުވަފެނެއްބާ ނުވަތަ ހަގީގަތެއްބާ؟ އަހަރެންނަކަށް މިހާރަކު ޔަގީނެއް ނޫނެވެ. އަހަރެންގެ ހިތް ނުތަނަވަސް ވާން ފަށައިފިއެވެ. އެހެން ކަހަލަ އިހުސާސްތަކެއް ކުރެވެން ފަށައިފިއެވެ. އެންމެ ބޮޑަށް ފާހަގަކުރެވުނީ ބޮލުގައި ރިހެމުންދާ އާދަޔާ ޚިލާފު ރިހުމެވެ.
ކުއްލިއަކަށް ހޭލެވުމުން އަހަރެންނަށް ލިބިފައިވާ މާޔޫސްކަން ފިލުވާލުމަށްޓަކައި އަހަރެން ގަޑިޔަށް ބަލާލީމެވެ. އޭރު ހުރީ ފަތިހު ފަހެއް ޖަހާފައެވެ. އަހަރެން މަޑުމަޑުން އެނދުން ތެދުވީމެވެ. އޭރުވެސް އަހަރެންގެ ފިރިމީހާ އޮތީ ދެފައި ދަމަދަމާފައި ނިދާށެވެ. ނުހަނު އަރާމުކޮށެވެ.
އަހަރެން ފާހާނާއަށް ހޮޅިބުރި ދިއްލާލުމަށްފަހު ވަނީމެވެ. އޭރުވެސް އަހަރެންގެ ބޮލުގައި ކުރިޔެކޭ އެއްގޮތަކަށް ރިހެމުންދިޔައެވެ. އަހަރެން މޫނު ދޮވެލުމަށްޓަކައި މަޑުމަޑުން މޫނު ދޮންނަ ތަށި ކުރިމައްޗަށް ހުއްޓިފައި ލޯގަނޑުން ބަލައިލީމެވެ.
“އާތް” އަހަރެންނަށް ލިބުނު ސިހުމާއެކުގައި ހަޅޭއްލަވައިގަނެވުނެވެ. އަދި އެޔަށްވުރެ ބޮޑަށް ބިރުވެސް ގަތެވެ. އަނެއްކާ ލޯގަނޑުގެ ކުރީމަތީގައި ހުއްޓިލައިގެން މިހުރީ ހަމަ އަހަރެންބާވައެވެ. ނުވަތަ ހުޅުމާލޭ ގެރިކޮށީގެ ގެރިތަކުގެ ތެރެއިން ގެރިޔެއް ނޫންބާވައެވެ! އަހަރެން ލޯގަނޑަށް ބަލަހައްޓައިގެން ހުރިއިރު މިކަހަލަ ހިޔާލުތައް ހިތައް އަރައި ފައިބަމުން ދިޔައެވެ. އަޖައިބެއް ފަހެ ނުވާނެހެއްޔެވެ؟ މީގެކުރިން ދުވަހަކުވެސް އިންސާނެއްގެ ގައިގައި ދަޅެއް ފަޅާފައި ހުއްޓައި އަހަރެން ނުދެކެމެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ ނަމަވެސް މިހާރު އަހަރެންގެ ދެދަޅު ފަޅާފައި އެބަހުއްޓެވެ.
މަޑުމަޑުން އަހަރެން އެ ދަޅުގައި އަތްކާތާލީމެވެ. ކުރިޔަށްވުރެ ބޮޑަށް އަހަރެން އަޖައިބުވެއްޖެއެވެ. އެ ދެދަޅު ހަރުކަމުންނެވެ. ހީވަނީ ދަގަނޑު ދެ ދަޅު ހެންނެވެ. އެހާވެސް ހަރެވެ. ދެން އަހަރެން ހަދާނީ ކިހިނެއްބާވައެވެ؟ މިކަން ރަށުގެ އެންމެންނަށް އެނގިއްޖިއްޔާ، އަހަރެން ހާދަ ލަދެއް ގަންނާނެއެވެ. ދުވަހަކުވެސް އަހަރެން މަގުމައްޗަކަށް ނުނިކުންނާނަމެވެ. ލަދުން ބޯ ހަލާކެވެ. އަދި އެޔަށްވުރެ ބޮޑުކަމަކީ، މިދެދަޅު ފިރިމީހާއަށް ފެނިއްޖިއްޔާ ވާނެ ގޮތެއް ނޭންގޭތީއެވެ. އަނެއްކާ ވަރިވެސް ކޮށްފާނެއެވެ.
އަހަރެންނަށް ހަދާނެ ގޮތްތަށް ހުސްވެއްޖެއެވެ. މި މުސީބަތް އަހަރެންނާއި ލައިގަތީ އަނެއްކާ ކީއްވެބާވައެވެ؟ އަހަރެންނަށް ރޮވެން ފެށުނެވެ. މި މުސީބާތުން ސަލާމަތް ކޮށްދެއްވާތޯ ހިތާހިތުން ދުއާ ކުރަމުން ދިޔައީމެވެ.
އެވަގުތު އަހަރެންގެ ހިތަށް ވެރިވަމުން ދިޔަ ޝުއޫރުތައް ކަރުނަތިކިތަކެއްގެ ސިފައިގައި އަހަރެންގެ ކޯތާފަތް މައްޗަށް އޮހެމުން ދިޔައެވެ. އަހަރެން އެންމެބޮޑަށް ހާސްވަނީ އަހަރެންގެ ދެދަޅަށް، ރަސްގެފާނުގެ ދެދަޅަށް ވީކަހަލަ ގޮތަކަށް ވެދާނެތީއެވެ. ރަސްގެފާނުވެސް ދެދަޅު ފެނިދާނެތީ ނުވަތަ ރަށުގެ ރައްޔިތުންނަށް އެނގިދާނެތީ ގަތުލުކުރީ ކިތައް ބޯކޮށާ މީހުން ހެއްޔެވެ؟ ނަމަވެސް ނަމަވެސް ހެއްދެވި ފަރާތަށް ޝުކުރު ހުއްޓެވެ. އަހަރެންގެ ބޯ ކޮށާކަށް ނުޖެހޭނެއެވެ. އަދި ދަޅު ފެނިދާނެތީ މީހަކުވެސް މަރެއްނުވާނެއެވެ. އަހަރެންނަކީ ރަސްކަލެއް ނޫންވިއްޔާއެވެ. ނަމަވެސް އަހަރެންނަށް ޔަގީންވާ ކަމަކީ ރަސްގެފާނުގެ ދަޅުގެ ޚަބަރު ފެތުރުނު ފަދައިން އަހަރެންގެ ވާހަކަވެސް ފެތުރޭނެކަމެވެ.
އެވަގުތު އަހަރެންގެ ހިތައްއެރިއެވެ. އަހަރެންނަކީ އެރަސްގެފާނުގެ ދުވަސްވަރު އުޅުނު މީހެއްނަމަ ހާދަ ނަސީބު ގަދަވީސްތާއެވެ. އޭރުން އަހަރެން ވާނީ އެ ޝަހަރުގެ ރާނީއަށްތާއެވެ. ކުއްލިއަކަށް ހިތަށް އަންނަމުން ދިޔަ ވަސްވާސްތަކުގެ ސަބަބުން ހެވޭގޮތްވިއެވެ. ދެން ރުއިމަކުން ކުރާނެ ފައިދާއެއްވެސް އޮތީއެއްނޫންވިއްޔާއެވެ.
މިފަދަ ހިޔާލުތަކެއްގައި ހުއްޓައި އަހަރެންގެ ފިރިމީހާ ފާހާނާގެ ދޮރުގައި ޓަކިޖަހާލައިފިއެވެ. އަހަރެންނަށް ވީގޮތްވެސް ނޭންގުނެވެ. ހީވީ ހިތަށް ފެން އެއްޗެއް އޮއްސާލިހެންނެވެ. އެވަގުތު އަހަރެންގެ ދެފައި ބިރުން ރޫރޫ އަޅަން ފަށައިފިއެވެ. ހިތުގެ ހިނގުން އަވަސްވެއްޖެއެވެ. އަހަރެން ހަމަ ދޮރު ހުޅުވަންވީހެއްޔެވެ؟ ނުވަތަ ދޮރު ނުހުޅުވާ ހުންނަންވީ ހެއްޔެވެ؟ ކޮންމެގޮތެއްވިޔަސް އަހަރެންގެ ދެދަޅު އޭނާއަށް ނުފެންނަ ގޮތަކަށް ނޫޅެވޭނެތާއެވެ
ފިރިމީހާ ދޮރުގައި ތަޅަން ފަށައިފިއެވެ. އޮފީހަށްދާ ގަޑި ޖެހެނީ އޭ ބުނެ ޝަކުވާ  ކުރަން ފަށައިފިއެވެ. ތިމަންނައަށް އިނދެވިފައި މިހިރީ ވަރުގަދަ އަންހެނެއްތާއޭ ބުނާއަޑުވެސް އިވުނެވެ. އަހަރެން އަވަސް އަވަހަށް ފާހާނާގައި ހުރި ތުވާލި ބޮލުގައި އޮޅާލައިގެން ނުކުތީމެވެ.
ފިރިމީހާ އަހަރެންގެ މޫނަށް ބަލާލުމަށްފަހު ޗޮކެއް ކަނޑާލިއެވެ.
” މިހާރު މިއުޅޭ އަންހެނުންނަކީވެސް ހުދުފަށަށް ދިގުބަޔެއް. ” ފިރިމީހާގެ ކޫސަނި ލެއްވުންތައް އަދިވެސް ނުހުއްޓެއެވެ.
ފާހާނާއަށް ވަދެ ހުރެގެންވެސް އަނގަތަޅާ އަޑު އިވެމުންދިޔައެވެ.
އަހަރެން އެންމެބޮޑަށް އަޖައިބުވީ ފިރިމީހާއަށް އަތުވެފައިވާ ބަދަލުގެ ސަބަބުންނެވެ. އެހެންޏާ އެއީ އެހާ އަނގަގަދަ މީހެއް ނޫނެވެ. ނަމަވެސް ދެން ކުރާނީ ކީއްހެއްޔެވެ؟ އަހަރެންގެ މުޅި ދިރިއުޅުންވެސް މިބަދަލު ވީހެއްޔެވެ؟ ކުރިޔަށް އޮތްތާންގައި ވާނެ ގޮތެއްވެސް ނޭންގެއެވެ.
އަހަރެން ކޮޓަރީގެ ލޯގަނޑުން އަނެއްކާވެސް އަހަރެންގެ ދެދަޅަށް ބަލާލީމެވެ. ކަންފަތުގެ ދެ ފަރާތުގައި ފަޅާފައި ހުރި ދެދަޅު ހަމަ ކުރިޔެކޭ އެއްގޮތަށް ހުއްޓެވެ. އަހަރެންގެ ފަން އިސްތަށިގަނޑު ތެރޭން އަޅިކުލައިގެ ދަޅެއް ހުންނައިރު އެ ފެންނަނީ ހާދަ އަޖައިބު ކުރަނިވި ގޮތަކަށެވެ.
ކުއްލިއަކަށް ކޮޓަރި ދޮރުގައި މީހަކު ޓަކިދޭން ފަށައިފިއެވެ. އަހަރެން ދޮރު ހުޅުވަން ގޮސްފައި ދޮރުގައި އިންނަ ބޭރުބަލާ ލޯވަޅުން އަހަރެން ބޭރު ބަލައިލީމެވެ. ދޮރުމަތީގައި ހުރި މަންމައެވެ. ނަމަވެސް އެންމެ ބޮޑަށް އަހަރެންނަށް ފާހަގަކުރެވުނީ މަންމަގެ ބޮލުގައި ފަޅާފައި ހުރި ދެދަޅެވެ. މީހަކު އަޖައިބެއް ނުވާނެހެއްޔެވެ؟ އަހަރެންގެ މަންމަވެސް ދެދަޅު ފެޅީބާވައެވެ. އަހަރެން ވިސްނާލީމެވެ. ދެދަޅު ފަޅައިގެން މިއުޅެނީ އަހަރެން އެކަންޏެއް ނޫންތާއެވެ. އޭރުވެސް މަންމަ އަހަރެންނަށް ގޮވަމުން ދިޔައެވެ.
” މަންމާ އަހަރެން ހޭލާ މިއުޅެނީ ” އަހަރެން ހޭލާ އުޅޭކަން ޔަގީންކޮށްދިނުމުގެ ގޮތުން ބުނެލީމެވެ. ދެން މަންމަ ހިނގައްޖެއެވެ.
އަހަރެން ހިތައްއެރިއެވެ. ދެން ދަޅު ފޮރުވާކަށް ދެން މަސައްކަތެއް ނުކުރާނަމެވެ. ފޮރުވަން އުޅުނީމަ ލިބޭ ލަނޑު މާ ބޮޑުވާނެއެވެ. ކުޑަކޮށްމަތި ހަދާލައިގެން އަހަރެން ބަދިގެ ފަރާތަށް ދިޔައީމެވެ. މަންމައާއި އަހަރެންގެ ދައްތަ ބަދިގެ ފަރާތުގައި އަވަދިނެތި ހަރަކާތްތެރިވަމުން ދިޔައެވެ. އަހަރެން އެންމެ ފުރަތަމަވެސް ބެލީ ދައްތަގެ ދެދަޅު އިންތޯއެވެ.
އަހަރެންގެ އަނގައިން ކުޅު ހިކި އަންތަރީސް ވިއެވެ. އަހަރެންގެ ދަޅަށްވުރެ ދެގުނަ ބޮޑު ފަލަ، ދެދަޅު ހުއްޓެވެ. ދައްތަގެ ޒީލަގަދަކަމާ އެއްވަރުގެ ދެދަޅެވެ. ގޯހެއް ނޫންތާއެވެ. އަހަރެން ގެ ހިތް ނުތަނަވަސް ވިއެވެ. އަހަރެންނަށް ފެންނަމުންދާ މަންޒަރުތަކުގެ ސަބަބުންނެވެ. އަނެއްކާ މިއީ ޑުރާމާއެއްހެއްޔެވެ؟ ނުވަތަ އަހަރެންނަށް ހީވާ ހީވުމެއް ހެއްޔެވެ؟
އަހަރެން ފިރިމީހާއަށް ސައި ތައްޔާރު ކުރުމާއެކު ފިރިމީހާ އޮފީހަށް ދިޔުމަށް ތައްޔާރުވެގެން އައިސް ސައިބޯން އިށީންދެއްޖެއެވެ. އަހަރެން ލޯބިވާ ފިރިމީހާގެ ބޮލުގައި ދަޅެއް އިންތޯ އަހަރެން ބަލާލީމެވެ. ނެތެވެ. ދަޅު ފަޅައިގެން މިއުޅެނީ ހަމައެކަނި އަންހެނުންގެ ހެއްޔެވެ؟
ފިރިމީހާ ސައިބޯން އިން އިރުގައި، އަނގައިން އެއްވެސް ބަހެއް ނުބުނެއެވެ. އެހެން ދުވަސް ދުވަހާ ހިލާފެވެ. ސައިގައި ފޮނިގަދަ ވާހަކަޔާއި، މީރުކޮށް އެއްޗެއް ތައްޔާރު ކުރަން ނޭންގޭ ވާހަކަ މިއަދަކު ނުދައްކައެވެ. އަހަރެން ވިސްނާލީމެވެ. ޔަގީނެވެ. އަހަރެންގެ ދެދަޅު ފެނިފައި ބިރުގަތީއެވެ. އަހަރެންނަށް ހެވޭގޮތް ވެއްޖެއެވެ. ފުރަތަމަ ފަހަރަށް މިދަޅަކީވެސް ބޭކާރު އެއްޗެއް ނޫންކަމުގެ އިހުސާސް ކުރެވެން ފެށިއެވެ. ދެން މިއުޅޭ ފިރިހެން ވެރިންނަށް އަންހެނުންނަށް ބޭނުންހާ ގޮތެއް ހަދައެއް ނުލެވޭނެތާއެވެ.!
މިފަދަ ހިޔާލުތަކެއްގައި އިންދާ ފިރިމީހާ އޮފީހަށްގޮސް އަވަދިވެއްޖެއެވެ. އަހަރެންވެސް އަވަސް އަވަހަށް ސައިބޯލައިގެން ކޮޓަރިޔަށް ގޮސް އޮށޯތީމެވެ. ވިސްނާލުމަށެވެ. ކަންތައްތައް ވަމުންދާ ގޮތްތަކާ ދޭތެރޭގައެވެ.
“ދަރިފުޅާ” މަންމަ ގޮވާ އަޑު އިވެން ފަށައިފިއެވެ. ޔަގީނެވެ. ކޮންމެވެސް ތާކަށް ދާންޖެހެނީއެވެ. މަންމަގެ ގާތަށް ދިޔުމުން މަންމަ އެދުނީ ދައްތަ ބަލިވެ އުޅޭތީ ދައްތަގެ ފިރިހެން ދަރިފުޅު ސުކޫލަށް ގެންގޮސްދިނުމަށެވެ.
އެހާ ލަހުން ސުކޫލަށް ދާން ޖެހެނީ ކީއްވެތޯ އެހުމުން ބުނީ މިއަދު ފުރަތަމަ ގަޑިތައް ކެންސަލްވުމުގެ ސަބަބުން ފަހުން ދާންޖެހެނީ ކަމަށެވެ.
އަހަރެން ކޮޓަރިއަށް އައުމަށްފަހު ފުނާއަޅާ ތައްޔާރުވާން ފެށީމެވެ. ދަޅު ރީތިކޮށްލަން އުނގުޅާނީ ކޮންއެއްޗެއްބާވައެވެ؟ އެންމެ އަވަހަށް އަހަރެންގެ ލޮލުގައި އަޅައިގަތީ މޭޒުމަތީގައި ހުރި ޒައިތޫނި ތެޔޮފުޅިއެކެވެ. ދަޅުގައި ތެޔޮލާ އޮމާން ކޮށްލީމެވެ. ލޯގަނޑަށް ބަލާލިއިރު ދަޅެކޭ ދިހުން އަރާ ދަގަނޑު ގަޑެކޭ ތަފާތެއް ނެތެވެ. އެހާވެސް ދަޅައަޅައެވެ.
ދައްތަގެ ދަރިފުޅު ގޮވައިގެން މަގުމައްޗަށް ނުކުމެގެން ހިނގަންފެށީމެވެ. ސުކޫލުދޮށަށެވެ. އަހަރެން ހުރީ އާޝޯހުވެފައެވެ. މަގުމަތިން އަހަރެންނަށް ފެންނަމުން ދިޔަ، މަންޒަރުތަކުގެ ސަބަބުންނެވެ.
ދުވާރުމަތިން ހިނގަމުން ގޯޅިއަށް ނުކުތްތަނުން، އެމަގުން ނުކުން ފުރާވަރުގެ ލާނެތް ސޮރުއްގެ އަހަރެންގެ ގައިގައި ޖެހިގަނެއްޖެއެވެ.
“މިހާރު މިއުޅޭ ކުދިން މަދީ ދަޅަކާއި ނިގުލެއް އެކަންޏޭ” މިހެން އޭނާއަށް ދިމާއަށް ބުނެފާނަމޭ ހިތަށް އެރިއެވެ. ނަމަވެސް ކަލޭ މަދީ ނަގުލެއް އެކަންޏޭ ބުނާކަހަލަ ލާނެތްގޮތަކަށް ހީލަމުން “ސޮރީ” އޭ ބުނެފައި އޭނާ ހިނގައްޖެއެވެ. އަހަރެންނަށް ހިނގާދިޔަ ކަންތަކާއިމެދު ވިސްނާލުމުން ހެވޭގޮތްވެއްޖެއެވެ. އަނެއްކާ މާދަމާ ހޭލާއިރު ނަގުލެއް ނީންނާނެ ކަމެއްވެސް ޔަގީނެއްނޫންތާއެވެ.
މިފަދަ ހިޔާލުތަކެއްގައި ހުރެގެން މަގުމަތިން ހިނގަމުން ދިޔައިރު ދަޅެއް ފަޅާފައި ނެތް އަންހެނަކާއި ދިމައެއްނުވެއެވެ. އެކި މީހުން ހުންނަނީ އެކި ވަރުވަރުގެ ދަޅެވެ. ވަކި އުމުރެއް ތަފާތެއްނެތެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނެވެ. “އަނެއްކާ ދަޅުފަޅައިގެން މިއުޅެނީ ދުނިޔޭގެ ހުރިހާ އަންހެންވެރިންގެ ހެއްޔެވެ؟  ފިރިހެނުންގެ ދަޅު ނުފެޅީ ކީއްވެބާވައެވެ؟ އަހަރެމެންނަށްވުރެ ނުބައި ކަންތައްތަކާއި ގޯސް ކަންތައްތައް ގިނައިން ކުރަނީވެސް އެމީހުންނެވެ. ވީމާ ދަޅުފަޅަން އެންމެ ހައްގީ ހަމަ ފިރިހެނުން ނޫންހެއްޔެވެ؟ ނޫނެކެވެ. ދަޅު ފެޅުމަކީ ހަމަ ނަސީބެކެވެ. ދެން ދަޅުގެ ސަބަބުން ދުނިޔޭގައި އަންހެނުންގެ ދަށުވާ ފިރިހެނުންގެ އަދަދު ދާނީ ގިނަވަމުންތާއެވެ”
މިކަހަލަ ހިޔާލުތަކެއްގައި ހުއްޓައި ސުކޫލްދޮށަށް ދެވިއްޖެއެވެ. އެތަނަށް ދެވުމުން ތަފާތު ވައްތަރުގެ ތަފާތު ކުލަކުލައިގެ ދަޅު ފެންނަމުން ދިޔައެވެ. ބައެއް އަންހެންވެރިން ދަޅު ހުރީ ތޫނު ކޮށްލާފައެވެ. އަދި ދަޅަށް ސުޕުރޭ ކޮށްލާފައި ހުންނަ ދަޅާއި، ދަވާދު ލާފައި ހުންނަ ދަޅާއި މިފަދަ އެތައް ދަޅުތަކެކެވެ. އަދިވެސް ދަޅު ތޮރުފާލާފައި ބޮޑެތި ބޮޑެތި ރަންބޮޅު ލައްވާފައި ތިބި މީހުންވެސް ސުކޫލު ދޮށުގައި ތިއްބެވެ. އަހަރެންނަށް އެންމެ ރީތިވީ ދަޅުގައި ކަނޑާ ނަގައިގެން ޑިޒައިނެއް ހަދާފައި ހުރި ކުއްޖެއްގެ ދަޅެވެ. ބައެއް އަންހެންވެރިން ދަޅަށް އުރަފަހާފައި ލައްވާފައި ހުއްޓެވެ. އެކި ކުލަކުލައިންނެވެ. އަހަރެން ހުރީ ހަމަ ހައިރާންވެފައެވެ. އަދި ހިލަކަރުދާސް އަޅައިގެން އޮފުކޮށްލާފައި ހުންނަ ދަޅުދަޅު  ފެނުމުން އަހަރެންގެ ދެދަޅު މީ އެއްވެސް އެއްޗެއް ނޫންތާއޭ ހިތަށް އެރިއެވެ.
މީގެ ތެރެއިންވެސް އަހަރެން އެންމެ އަޖައިބުވީ އެއްދަޅު ބިނދިފައި ތިބޭ ކުދީންނާއި މީހުން ފެނުމުންނެވެ. ފަހަރެއްގައި އެއީ ފިރިމީހާއާއި ޒުވާބުކުރަމުން ތަޅާފޮޅަމުންގޮސް ފިރިމީހާގެ ގަޔަށް ދަޅުހަރަން އުޅެނިކޮށް ފިރިމީހާގެ ހަމަލައެއްގައި ބިނދިފައި ހުރީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ ނިދަން އޮވެވުނު ގޮތަކުން ވެއްޓިގެންވެސް ދަޅު ބިނދިފައި ހުރެދާނެއެވެ. ކުޑަކުދިންގެ ދަޅު ބިނދިފައި އެހުރީ ގޭތެރޭގައި ތަޅާފޮޅަން އުޅެނިކޮށް ކަމަށްވެސް ވެދާނެއެވެ.
އަދި އަނެއްބައި މީހުންގެ ދަޅުގެ ތޫނުބައި ބުރިކޮށްލާފައި ހުއްޓާވެސް ފެނުނެވެ. “ޔަގީނޭ އެވާނީ ފިރިމީހާގެ ކަމަކަށޭ” އަހަރެން ހިތަށް އަރަމުން ދިޔައެވެ.
ދައްތަގެ ދަރިފުޅު ސުކޫލަށް ވެއްދުމަށްފަހު ގެޔަށް އައި މަގުމަތީގައި، ބައެއް އަންހެންވެރިން ދަޅުގައި އަތްދަބަސް އެލުވާލާފައި ހުރެއެވެ. އަނެއްބައި މީހުން ފާޑުފާޑުގެ ކޮތަޅެވެ. އެވަގުތު އަހަރެންގެ ބޮލުގެ ރިހުން ގަދަވާން ފަށައިފިއެވެ. މިއީ ދަޅުގެ ކަމެއް ކަމަށް ހީވުމުން ހިތް ނުތަނަވަސް ވާން ފަށައިފިއެވެ. ހިނގުން ބާރުކޮށްލައިފީމެވެ.
ގެޔަށް އައިގޮތަށް އައިސް، ކޮޓަރިއަށްވަދެ ބަންކިޔާފައި ދޮރުޖަހައިފީމެވެ. އެނދުގައި ކިރިޔާ އޮށޯވެވުނީއެވެ. މޫނުމައްޗަށް އަނދިރިވާން ފަށައިފިއެވެ. ގައިގެ ވަރު ދޫވަމުންގޮސް ދެން ވީ ގޮތެއް ނޭންގުނެވެ.
މަޑުމަޑުން ލޯ ހުޅުވާލީމެވެ. ބޮލާ ދިމާ މަތީގައި ހުރި ފަންކާ އޭގެބާރު މިނުގައި އެނބުރެމުން ދިޔައެވެ. ކުއްލިއަކަށް އަހަރެން ތެދުވީމެވެ. އަހަރެންގެ ހިތްވަނީ ނުތަނަވަސް ވެފައެވެ. އަހަރެންނަށް އާދަޔާ ހިލާފު އިހުސާސްތަކެއް ކުރެވެމުން ދިޔައެވެ. ލިބުނު ނުތަނަވަސް ކަމާއި އެއްވަރަށް ހޭންވެސް ބޭނުންވިއެވެ. ފެނުނު ހުވަފެނުގެ މަޖާކަމުންނެވެ. ނަމަވެސް އެ ފެނުނީ ހާދަ މާނަހުރި ހުވަފެނެއްތާއެވެ. ގުރޭޑް އެގާރައިގައި ކިޔަވަމުން ދާއިރު މީހަކާއި އިނދެވޭނީ އަދި ކިހިނެއްހެއްޔެވެ؟ އަހަރެން ހާސްވެފައިވާ ގޮތަކަށް މުޅި ކޮޓަރިއަށް ނަޒަރު ހިންގާލީމެވެ. ހުވަފެނުގައި ފެނުނު މީހާ ހުރެދާނެތީއެވެ. އެއްވެސް މީހަކު ނެތެވެ.
އޭރު ނިދަން އުޅުނު އިރު ކިޔަން ގެންގުޅުނު ދޭހަ ބިންމަތީގައި އޮތެވެ. އެ ދޭހައަކީ “ފިރިހެނުންގެ ދަޅު ހުންނަނަމަ” ވާނެ ގޮތްތަކާއި ބެހޭގޮތުން ލިޔެފައިވާ ދޭހައެކެވެ. ދެން އަހަރެންނަށް އެހުވަފެން ފެނުމުގެ މާނައަކީ ކޮބައިބާވައެވެ؟ އަހަރެމެންގެ ގޯސްކަންތައްތަކުގެ ސަބަބުން ފެނުނު ހުވަފެނެއްބާވައެވެ.! އަޖައިބެކެވެ. އަހަރެން މަޑުމަޑުން ބޮލުގައި އަތްކާތާލީމެވެ. ދަޅެއް ނެތެވެ. ދަޅު އެފެނުނީ ރަނގަޅު މެސެޖެއްގެ ގޮތުގައި ބާވައެވެ. މުޅިއަކުން ޔަގީނެއް ނޫނެވެ. ނަމަވެސް އެނގޭކަމަކީ އެއީ ހަގީގަތެއް ނޫންކަމެވެ. ހުވަފެނެއް ކަމެވެ. ނިމުނީ.

“ ދެ ދަޅު - މިލިޔުމާއި މެދު ކިޔުންތެރިންގެ ހިޔާލު ”

  1. ކަޝި

    ހެހެހެހެހެެ.‫​.‫​.‫​.‫​ހީހީ ހަލާކު،،،މަޖާ ވާހަކައެއް.‫​.‫​.‫​.‫​ތިކަހަލަ ދަޅު ގަންނަން ލިބޭނެނަމަ ދޯ.‫​.‫​.‫​ހާދަ ފަސޭހަ ވާނެއޭ،،،،،

    [މިހިޔާލަށް ރައްދު ދިނުމަށް]

  2. މަރީ

    ވަރަށް ފޭކް ވާހަކަ އެއް

    [މިހިޔާލަށް ރައްދު ދިނުމަށް]

މިލިޔުމަށް ހިޔާލުފާޅު ކުރެއްވުމަށް ތިރީގައިވާ ފޯމު ބޭނުން ކުރައްވާ

ހިޔާލު ހޯދާލުމުގެ ވޯޓް

ކާވެނިކުރުމަށް އެންމެ ރަގަޅު އުމުރަކީ

View Results

Loading ... Loading ...

އަރުޝީފު

ކުޅިވަރު

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

މި ހާރު ކުރިޔަށްދާ އޭއެފްސީ ފުޓުބޯޅަ މުބާރާތުގައި ދިވެހި ރާއްޖޭގެ ވީބީ ސްޕޯޓްސް ...

ވިޔަފާރި

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ 2009ވަނަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެ އެތެރެކުރެވުނު މުދާ އޭގެ ...

ދީން

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

މުސްލިމް ނޫން އެތައްބަޔަކު ކީރިތި ޤުރުއާން ނުހަނު ގާތުން، ދިރާސާކޮށް ބަލަމުންދާއިރުވެސް މީގެތެރެއިން ...

ޓެކްނޮލޮޖީ

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް މިއަންނަ އެޕްރީލް މަހުގެ ތިނެއް ގައި އެމެރިކާގެ ބާޒާރަށް ނެރެވޭނެ ...